ރައީސް މުހައްމަދު ނަޝީދު

މާލީ ނިޒާމަށް އުނދަގޫތަކެއް ދިމާވުން އެކަށީގެންވޭ: ނަޝީދު

މާލީ ނިޒާމަށް 2008 ވަނަ އަހަރު ދިމާވި ބާވަތުގެ އުނދަގޫތަކެއް ދިމާވުން އެކަށީގެންވާ ކަމަށް މުފައްކިރުން ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބައެއް ބޭންކުތަކަށް މާލީ ދަތިތައް ދިމާވަމުންދާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުންނަށް ފާހަގަވެފައިވާނެ އެމެރިކާގެ ބޭންކްއަކާއި އަދި ކްރެޑިޑް ސުވިސް ބޭންކާއި އަދިވެސް އެހެން ބައެއް ޔޫރަޕްގެ ބޭންކުތަކަށް ނުތަނަވަސްކަމާއި ދަތިތައް، މާލީ ދަތިތައް ދިމާވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމާމެދު މެންބަރުން ވިސްނަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާއަށް ރިކަވަރީ ޕެކޭޖެއް ހަމަޖެހިގެންދާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި އައިއެމްއެފުން ސިލޯނުގެ ރިކަވަރީ ޕެކޭޖެއް، އެއްބަސްވުމެއް އެތަނުގެ މާލީ ހާލަތު އަދި މާލީ މައްސަލަތައް ފިލާ ދާނެ ކަމަށް މިއަދު އެބަ ދެކެވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.