އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ވައުދާއި ރިޝްވަތު ވަކިކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި 41 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.
އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުމަކީ ވައުދު ކަމަށް އިސްލާހުގައިވެ އެވެ.
ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.
އޭގެ އިތުރުން ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓާކުރުމަށް ވޯޓުލާ ސަރަހައްދުތަކާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ހެދުމަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ.
ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިޔާއަކީ ރަޖިސްޓަރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގެ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްގައި، ޚަބަރު ހޯދާ ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މީހުން ކަމަށާއި އޭގެ ތެރޭގައި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ހިމެނޭ ކަމަށް އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން ވޯޓުލާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ އެއް ޕަސަންޓްއަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓު ކަރުދާސް ފޮނުވަންވާނެ ކަމަށް އޮތް އޮތުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އިސްލާހު ހުށަހަޅާފައިވަނީ، މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވުމަށެވެ.
ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މަދުވެގެން ތިން މީހުންގެ ހަވާލުގައި ކަމަށް އޮތް އޮތުން ދެ މީހުންނަށް ބަދަލުކުރަން ހުށަހަޅާފައިވެ އެވެ.