ރޯދަމަހު މާލޭގެ މަގުތަކުގެ ޓްރެފިކް މެނޭޖްކުރުމަށްޓަކައި ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ހަދައިފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެއަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް މިއަހަރުގެ ރޯދަ ހާއްސަ ސަމާލުކަމެއް ދީގެން މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހުށަހެޅޭ ކުށްތަކުގެ މައްސަލަތައް މަދު ކުރުމުގެ ގޮތުން ރައްޔިތުންނާއި ވަރަށް ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަގުތަކުގެ ޓްރެފިކަށް ގެނައި ބަދަލާއެކު ޖަމާލުއްދީން ސްކޫލާއި ހަމައިން ފެށިގެން މަޖީދީމަގާއި ހަމައަށް އޮންނަ ރަށްދެބައި މަގުގެ ސަރަހައްދާއި ރަށްދެބައި މަގަށް ނުކުމެވޭ ގޯޅިތައްކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭގޮތަށް ވަނީ ހަދާފަ އެވެ. މީގެ އިތުރުން ބާޒާރުމަތިން ބޮޑުތަކުރުފާނު މަގާއި އަމީރު އަހުމަދު މަގާއި ދެމެދު ހުންނަ ބައެއް މަގުތައްވެސް ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކޮށްފަ އެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް މެނޭޖްކުރުމަށް ފުލުހުން ވަނީ ވަރަށް ގިނަ ކަންކަން ކުރުމަށް ނިންމާފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖާއި މާލެ ހުޅުމާލެ ލިންކް ރޯޑުގެ ޓްރެފިކް ބެލެހެއްޓުމާއި މިސްކިތްތަކަށް ދާ މީހުންނަށް ދަތިކަމެއް ނެތި ފަސޭހަ ކަމާއެކު މިސްކިތަށް ވަދެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
ފުލުހުން ބުނީ ބާޒާރުމައްޗާއި އެހެން ތަންތަނުގައި ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތާއި ދަތުރުފަތުރު ކުރޭވެނޭ ގޮތް ހެދުމާއި ގަވާއިދާ ހިލާފަށް ތަންތަނުގައި ޕާކުކުރުން ހުއްޓުވުމާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބެލެހެއްޓުމާއި މާލެ ތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައި ވެސް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.
ބްރިޖް ހައިވޭގައި 24 ގަޑިއިރު ޓްރެފިކް ބެލެހެއްޓުމުގައިވެސް ފުލުހުން ހަރަކާތްތެރި ވާނެ އެވެ.