އިބްރާހިމް އަމީރު

މިދިޔަ އަހަރު ނިމުނުއިރު ދަރަނީ ހުރީ 111 ޕަސަންޓުގައި

ޑެޓް ޓު ޖީޑީޕީ ރޭޝިއޯ -- ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 2022 ވަނަ އަހަރު ނިމުނުއިރު ހުރީ 111 ޕަސަންޓުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެބްޓް ޓު ޖީޑީޕީ ރޭޝިއޯ އާއި 2022 ވަނަ އަހަރަށް ލަފާކުރެވޭ ޑެބްޓް ޓު ޖީޑީޕީ ރޭޝިއޯ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ލިޔުމުން ޖަވާބު ހޯދެއްވުމަށް މެންބަރު ކުރެއްވި ސުވާލު މަޖިލީހުގެ އިދާރާއަށް ލިބުނީ ސެޕްޓެމްބަރު 26، 2022 ގަ އެވެ. ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް މަޖިލީހުގެ ސެކްޝަނަށް ލިބުނީ ސެޕްޓެމްބަރު 28، 2022 ގަ އެވެ. މެންބަރުގެ ސުވާލަށް އޮކްޓޫބަރު 25، 2022 ގައި މިނިސްޓަރު ދެއްވި ޖަވާބު މަޖިލީހުގެ އިދާރާއަށް ލިބުނީ ނޮވެމްބަރު ހައެއް، 2022 ގަ އެވެ. އެ ޖަވާބު މަޖިލީހުގައި އިއްވާފައިވަނީ މިއަދު އެވެ.

މިނިސްޓަރު މިދިޔަ އަހަރު ދެއްވި ޖަވާބުގައި ލަފާކުރައްވާފައިވަނީ އެ އަހަރު ނިމޭއިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނީ 111 ޕަސަންޓްގައި ކަމަށެވެ. އެއީ ދައުލަތުން ނަގާފައިވާ ދަރަނީގެ 98 ޕަސަންޓާއި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ 13 ޕަސަންޓެވެ.

އަމީރު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 ޕަސަންޓެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 ޕަސަންޓު އަދި ގެރެންޓީ ކޮށްދީފައިވާ 18 ޕަސަންޓު ދަރަންޏެވެ.

"ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންއަށް ޑައުންގްރޭޑް ކުރާކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ދަތިވުމެވެ.

އެހެންކަމުން ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުން ކަމަށާއި ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023- 2025 އެކުލަވާލާފައި ވާނީ އެކަންކަން ހިމަނައިގެން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ ސުވާލު ކުރެއްވިތާ ހަ މަސް ދުވަސްވެފައިވާ ކަމަށާއި ޖަވާބު ލަސްކަން ފާހަގަކުރައްވާފަ އެވެ.

"ވަރަށް ސްލޯ ނިޒާމެއް އިއްޒަތްތެރި ރައީސް ރިޔާސީ ނިޒާމަކީ،" މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.