ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ގާސިމު ފޯމު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފޯމު ހުށަހަޅުއްވައިފި އެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު ގާސިމުގެ އިތުރުން އެހެން އެއްވެސް މީހަކު ފޯމު ހުށަހަޅާފައިނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީ މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާ ކެމްޕޭން ފެށުމަށް ތައްޔާރުވަމުން މިދަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.