މާލޭގެ 353 ނަންބަރު ކޮށްޓަކީ ޔޫތު މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ދެ އިދާރާ އިންވެސް ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ވަދެ ހުސްކުރި ކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ގުދަނަކީ ހައުސިން މިނިސްޓްރީން، ޔޫތު މިނިސްޓްރީއަށް ދޫކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔެކިޔުންތަކެއް ޔޫތު މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ޔޫތު މިނިސްޓްރީން މި ލިޔުންތައް އާންމުކޮށްފައިވާއިރު މާލޭ ސިޓީ ކައުންސިލުން ވަނީ އެ ބިމަކީ އެ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް ކަމަށް ބުނެފަ އެވެ.
ބިމުގެ ދެކުނަށް ހުރި ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑާ ދެމެދު ހަދާފައިވާ ގުދަނަކީވެސް އެ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގައި ހަދާފައިވާ ގުދަނެއް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭގެ 353 ނަންބަރު ކޮށްޓަކީ މެއި 15، 2019 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ކުޅިވަރުގެ ބޭނުމަށް ކަނޑައަޅައި ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ހައުސިން މިނިސްޓްރީން ނޮވެމްބަރު 27، 2019 ވަނަ ދުވަހު އެ މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ޖެނުއަރީ 16، 2022 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ފޮނުވި ޗާޓުގައިވެސް މި ބިމަކީ ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މި ބިމަކީ ވޮލީ ބޯޅަ އިންޑޯ އިމާރާތް އެޅުމަށް ޕްލޭންކޮށްފައިވާ ބިމެކެވެ. މި ބިމުގައި ވޮލީގެ އިމާރާތް އެޅުމަށް ކޮންސެޕްޓް ކުރެހުންތައް ކުރަހައި، ހައުސިން މިނިސްޓްރީއަށް ޖޫން ފަހެއް، 2021 ވަނަ ދުވަހު ކޮންސެޕްޓް ފޮނުވާ، ފާސްކޮށްފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ގުދަން ހަދާފައިވަނީ އެ ކައުންސިލްގެ ހުއްދަ ނެތި އެވެ. ކައުންސިލްގެ އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތް ކަމަށްވެސް ކައުންސިލުން ބުނެ އެވެ.
ގަލޮޅު މާލެހިޔާގެ ދެކުނުން އޮންނަ 353 ނަންބަރު ކޮއްޓާއި 355 ނަންބަރު ކޮށި ހިމެނޭ ބިމުގައި ހުރި ރުމާލު 2 ޖަގަހަ ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން އިއުލާންވެސް ކޮށްފައިވެ އެވެ.