އުރީދޫ

އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި

އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމުކޮށްފައި ވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކު އެވެ.

ބަމްޕާ ފުޓުބޯޅައިގެ މަޖާ ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ އެވެ.

މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އަށް ވަނީ އިތުރުކޮށްފަ އެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހަށެވެ.

މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެންޖެހޭއިރު މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ ކަމަށް އުރީދޫން ބުނެ އެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފު ހިމެނޭނެ އެވެ. ގްރޫޕު ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.