ފެނަކަ ކޯޕްރޭޝަން

ފެނަކައިން ތިނަދޫއަށް އިތުރު އިންޖީނެއް ފޮނުވައިފި

ގދ. ތިނަދޫއަށް ދިމާވި ކަރަންޓުގެ ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ތިނަދޫއަށް އާ ޖެނަރޭޓަރެއް ފޮނުވައިފި އެވެ.

ތިނަދޫ އަށް މިއަދު ގެންދިޔަ އާ ޖެނަރޭޓަރަކީ އެރަށު އިންޖީނުގެއަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް ފެނަކައިން ފޮނުވި އާ އިންޖީނެކެވެ. އެ އިންޖީނު ހިފައިގެން ދިޔަ އުފުލި ތިނަދޫއަށް ބަނދަރުކުރީ މިއަދު މެންދުރު އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނިމާލް ވިދާޅުވީ، ރައީސްގެ އެންގެވުމާ އެއްގޮތަށް ތިނަދުއަށް ފޮނުވި އާ އިންޖީނަކީ 1.4 ކޭވީއޭ އިންޖީނެއް ކަމަށާއި އެ އިންޖީނުން 1000 ކިލޯ ވޮޓަށް ވުރެ ގިނައިން ކަރަންޓު ނެގޭނެ ކަމަށެވެ. އަދި އެ އިންޖީނު ބޭނުންކުރަން ނިންމާފައިވަނީ މިހާރު ތިނަދޫއަށް ކަރަންޓު ދޫކުރާ ދެ އިންޖީނަށް ލޯޑު ބޮޑުވެއްޖެ ހާލަތެއްގައި ކަމަށެވެ.

"އެރަށުގައި މިހާރުވެސް އިންސްޓޯލް ކޮށްފަ ހުރި އިންޖީނުތަކުން މުޅި އާބާދީއަށް ކަރަންޓު ލިބޭނެ. ޖުމްލަ 2000 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާނެ ދެ އިންޖީނު މިހާރު އެ ހުރީ، އެހެންވީމަ މިއީ ދާއިމީ ހައްލެއް. ނަމަވެސް އެ ދެ އިންޖީނަކީ ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާ ދެ އިންޖީނަށް ވުމުން ދެ އިންޖީނުން ފުލްކޮށް 1000 ކިލޯ ވޮޓުގެ ކަރަންޓު ނުނެގިދާނެ، އެކަމަކު އެއީ މައްސަލައެއް ނޫން. އަލަށް ފުނުވާ އިންޖީނަކީ ބެކަޕެއްގެ ގޮތުގައި ބޭނުންކުރާނެ އިންޖީނެއް،" ނިމާލް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ތިނަދުއަށް ކަރަންޓު ދޫކޮށްފައިވާއިރު، މުޅި ރަށަށް ކަރަންޓު ދޭން މިހާރު ބޭނުންކުރަނީ އެކެއް މެގަވޮޓުގެ ދެ އިންޖީނެވެ. އެ ދެ އިންޖީނުން 2000 ކިލޯ ވޮޓުގެ ކަރަންޓު ނެގޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.