ދައުލަތުން މިއަހަރު ކުރި ހަރަދު 11 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދު ވަނީ 11 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދަށްވުރެ 1.64 ބިލިއަން ރުފިޔާ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު 9.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތަށް މިއަހަރު ލިބުނު އާމްދަނީއަށްވުރެ ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިއަހަރު 2.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ލޯނުތައް އަނބުރާ ދެއްކުމަށް 788.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 8.4 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އެއް ބިލިއަން ރުފިޔާ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު 6.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ.