ލައިފްސްޓައިލް

ދެ މައެއްގެ ދަރީންގެ ހިތާ ގުޅިފައިވާ ބައްދަލުވުމެއް!

މިއީ އަސަރުގަދަ ވީޑިއޯއެއްގެ ވާހަކައެކެވެ. ދެމައެއްގެ ބައްދަލުވުމުގެ ވާހަކައެކެވެ. މި ބައްދަލުވުން ގުޅިފައިވަނީ ދެމައެއްގެ ދަރީންނާ އެވެ. ދަރިންގެ ހިތާ އެވެ. ހިތާ ގުޅިފައިވާ ބައްދަލުވުމެކެވެ.

ސީއެންއެން އިން އާންމުކޮށްފައިވާ މި ވިޑިއޯއަށް ބަލާލާއިރު ފުރަތަމަ އޮތީ ޖޯޑަން ޑްރޭކްގެ ވާހަކަ އެވެ. އެއީ ހަތަރު އަހަރުގެ ތުއްތު އަންހެެން ކުއްޖެކެވެ. ހަޔާތުގައި ފުރަތަމަ ދެ އަހަރު ވޭނާއި ހިތާމާގައި ހޭދަކުރި ކުއްޖެކެވެ. ދެ އަހަރު ފުރުނުއިރު ވެސް ޖޯޑަން އޮތީ ބަލި އެނދުގަ އެވެ. ޖޯޑަން އުފަންވީ ހިތުގެ އުނި ކަމަކާއެކުގަ އެވެ.

ޖޯޑަން ހިތުގެ އުނިކަން އޭނާގެ ފުރަނާއަށް ނުރައްކަލަކަށްވި އެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ. ފުރާނަ ސަލާމަތް ކުރެވެން އޮތީ އެންމެ ގޮތެކެވެ. ހާޓް ޓްރާސްޕްލާންޓެވެ. ޖޯޑަންއަށް އެހެން މީހެއްގެ ހިތުގެ ބޭނުން ޖެހުނީ އެވެ. ނަމަވެސް ޖޯޑަންއަށް ހިތެއް ހަދިޔާ ކުރާނީ ކާކު ހެއްޔެވެ؟

ދެން އޮތީ ލުކަސް ކްލާކްގެ ވާހަކަ އެވެ. ތުއްތު ތުއްތު ފިރިހެން ކުއްޖެކެވެ. ނަމަވެސް ދުނިޔޭގައި އުޅުމަށް ފުރުސަތު ނުލިބުނު ކުއްޖެކެވެ. އުމުރުކުރު ކުއްޖެކެވެ. ލުކަސް މި ދުނިޔެ ދޫކުރީ 2013 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭރު އޭނާއަށް އެންމެ 18 މަހެވެ.

ދަރިފުޅުގެ މަރުގެ ހިތާމާގައި ހުރި އޭނާގެ މަންމަ ހޭތާ ކްލާކް ނިންމީ ހިތްވަރުގަދަ ތައުރީފު ހައްގު ނިންމުމެކެވެ. ލުކަސްގެ ގުނަވަންތައް ހަދިޔާ ކުރުމަށް އޭނާ ނިންމި އެވެ. ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. ލުކަސްގެ ކުޑަކުޑަ ހިތް ލިބުނީ އެކަމަށް ފެން ބޮވައިގެންފައި އޮތް ޖޯޑަން އަށެވެ. ލުކަސްގެ ހިތް ލިބުމާއެކު ޖޯޑަން ބަލި އެނދުން ތެދުވެ، ދުނިޔޭގައި އުޅުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.

ޖޯޑަންގެ މަންމަ އެސްތާ ގޮންޒާލެސް ހުރީ އޭނާގެ ދަރިފުޅަށް ހިތް ހަދިޔާކުރި އަންހެނާއާ ބައްދަލުކޮށްލުމަށް ކެއްމަދުވެފަ އެވެ. އެކަމެއް ނިމުމެއް އައީ މި އަހަރު ތެރޭގަ އެވެ. ދެމައިންގެ ބައްދަލުވުމުގެ ކުރިން ދެމައިން ވެސް ވަނީ އެކަކު އަނެއްކަކާ ބައްދަލުކުރުމަށް ކެއްމަދުވެފައިވާ ކަމަށް ބުނެފަ އެވެ.

ދެން އައީ އިންތިޒާރުކޮށްގެން ތިބި ވަގުތެވެ. ދެމައިންނަށް އެކަކު އަނެއްކަކާ ބައްދަލުވި އެވެ. ކުރި އަސަރުން ދެމައިންގެ ބަޑި ފަޅައިގެން ދިޔަ އެވެ. ހުއްޓާނުލާ ރޮމުން ގެންދިޔަ އެވެ. އެކަކު އަނެއްކަކާ ބައްދާލި ވަގުތަކީ އަސަރުގަދަ ވަގުތު ކޮޅެލެވެ. ޖޯޑަންގެ މަންމަ ދިޔައީ ހުއްޓުމެއް ނެތި ލުކަސްގެ މަންމައަށް ޝުކުރުއަދާކުރަމުންނެވެ.

ލުކަސްގެ މަންމަ، އޭނާގެ ފިރިހެން ދަރިފުޅުގެ ހިތުގެ ވިންދު އަޑުއެހި އެވެ. ނަމަވެސް ޖޯޑަންގެ ހަށިގަނޑުގެ ތެރެއިންނެވެ. އެވަގުތަކީ ލުކަސްގެ މަންމައަށް ފުން ހިތާމައެއް ކުރުވި ވަގުތެކެވެ. އެވަގުތު ޖޯޑަންގެ މަންމަ ބުނީ "އެއީ ތިބާގެ ދަރިފުޅު" ކަމަށެވެ.

ލުކަސްގެ ގުނަވަންތައް ހަދިޔާކޮށްގެން ޖޯޑަންގެ ފުރާނައިގެ އިތުރުން އިތުރު ދެ ފުރާނައެއް ވެސް ސަލާމަތްކޮށްފައިވެ އެވެ.

ދެމައިންގެ ބައްދަލުވުމުގެ ވީޑިއޯ: