ރީކޯ މޫސާ މަނިކު

ރީކޯ މޫސަ، އުތުރު ކޮރެއާ އާއި އެމްޑީޕީ އެއްވަރުކޮށްފި

އުތުރު ކޮރެއާގެ ރައީސް ގެންގުޅުއްވާ އުސޫލުތައް އެމްޑީޕީއިން ވެސް ފެންނަމުންދާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. މޫސަ މިހެން ވިދާޅުވީ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއެކު މަސައްކަތް ކުރަން އެމްޑީޕީއިން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ކުރެއްވި ޓްވީޓެއްގަ އެވެ.

ރީކޯ މޫސަ ވިދާޅުވީ އުތުރު ކޮރެއާގެ ރައީސް ކަމަކަށް ވޯޓެއް އަހައިފިނަމަ އެއީ ކޮންމެ ފަދަ ކަމެއް ނަމަވެސް އެކަމަށް އިއްތިފާގުވާ ކަމަށާއި އެއީ އެމީހުންގެ ޑިމޮކްރަސީ ކަމަށެވެ. ރީކޯ މޫސަ ވަނީ ނުސީދާކޮށް އެ އުސޫލުތައް އެމްޑީޕީއިން ފެންނަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޖަމީލަށް ވެސް ރީކޯ މޫސަ ވަނީ ނުސީދާކޮށް ބަހުގެ ހަމަލާތަކެއްދެއްވާފަ އެވެ. އޭނާ ވިދާޅުވީ "ބާޣީން" އަށް އެމްޑީޕީ ހަލާކު ނުކުރެވޭނެ ކަމަށާއި 2018 އިގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރުމަށް ކުރި އުއްމީދު އިތުރަށް އާލާވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވުމަށް ކުރައްވަމުން ގެންދެވި އުއްމީދުތައް އިތުރަށް އާލާވެފައިވާ ކަމަށް ވެސް މޫސާ ވިދާޅުވި އެވެ.

ޖަމީލާއެކު މަސައްކަތްކުރަން އެއްބަސްވުމާ ބެހޭ ގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ރޭ ފާސްކޮށްފައިވަނީ، ގައުމީ މަޖިލީހުގެ 52 މެންބަރުންގެ ވޯޓާއެކު އިއްތިފާގުންނެވެ.