އަހުމަދު މަހްލޫފު

ސްޕޯޓްސް އެވޯޑާއެކު މިދިޔަ އަހަރު 55 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރުވި: މަހުލޫފް

މޯލްޑިވްސް ސްޕޯޓްސް އެވޯޑާއެކު މިދިޔަ އަހަރު އެކަނިވެސް 55 މިލިއަނަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިސްތިހާރުވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރު ވިޔަފާރިއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކާއި މޯލްޑިވްސް ސްޕޯޓްސް އެވޯޑާއެކު ރާއްޖެ އިސްތިހާރު ކުރެވޭ ކަމަށެވެ.

"ހަމައެކަނި މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑުގައި 55 މިލިއަނަށްވުރެ ގިނަ މީހުންނަށް އެ މީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރީޗްވެވިފައި އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެކަމުގައި އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ބައިވެރިވެއްޖެނަމަ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި މިދިޔަ އަހަރު ބައިނަލްއަގްވާމީ ނުވަ މުބާރާތް ބޭއްވިކަން މަހުލޫފް ފާހަގަކުރެއްވި އެވެ.

މަހުލޫފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ވޮލީ ބޯޅައިގެ ދެ މުބާރާތް ބާއްވާފައިވާ ކަމަށާއި މިމަހުގެ 22 ވަނަ ދުވަހު ބިލިއާޑް މުބާރާތެއް ބާއްވާނެ ކަމަށެވެ.

ބިލިއާޑްގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 16 ކުޅުންތެރިންނާއެކު ބާއްވާ މުބާރާތުގައި ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންވެސް ބައިވެރިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.