ކޮންމެ އަހަރަކުވެސް، ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކިއްސަރު ފެއާ މި އަހަރު އައްޑޫ ސިޓީގެ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމައިފި އެވެ.
ޒުވާނުންނަށް ހުރި ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ މި ފެއާ އައްޑޫ ސިޓީގައި ބޭއްވުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު ކިއްސަރު ފެއާ އައްޑޫ ސިޓީގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
"ކިއްސަރު ޔޫތު އެކްސްޕޯ 2016"ގެ ނަމުގައި މި ފެއާ ކުރިއަށްދާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހު އެވެ. ފެއާ ބޭއްވުމަށް ޔޫތް މިނިސްޓްރީގެ ޓީމެއް މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސްފަ އެވެ. އަދި ފެއާ ބޭއްވުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް އެ ޓީމުން ބާއްވާފައިވެ އެވެ.
މި އަހަރުގެ ކިއްސަރު ފެއާގައި އެކި ދާއިރާތަކުން 35 ސްޓޯލަށްވުރެ ގިނަ ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި 100 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު މި އަހަރުގެ ކިއްސަރު ފެއާ ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ އަހަރު "ފޯ ޔޫތު އެންޓަޕްރެނާސް އެންޑް ސޯޝަލް ޗޭންޖް އޭޖަންޓް"ގެ ނަމުގައި 35 ސްޓޯލާއެކު ބޭއްވި ކިއްސަރު ފެއާއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު މި އަހަރުގެ ފެއާ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވުމުން އައްޑޫ ސިޓީގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.