ޕީޕީއެމް

އިދިކޮޅު ސަޕޯޓަރުން ޓްރެފިކަށް ހުރަސް އަޅާ މައްސަލަ ބޮޑުވެއްޖެ

Apr 13, 2023
7

އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާކޮށް މުޒާހަރާކުރާ މީހުން އެ މަގުން ދަތުރުކުރާ ވެހިކަލްތައް ހުއްޓުވައި ޓްރެފިކަށް ދަތިކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި އިދިކޮޅު ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތަކުގައި މިހާރަކަށް ބައެއް ވެހިކަލްތައް ހުއްޓުވާ ކުރިއަށް ދިއުމަށް ދަތިކުރާ މައްސަލަ ބައެއް އާންމުންވެސް ފާހަގަކުރެ އެވެ.

މިމައްސަލަ އިތުރަށް ބޮޑުވީ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށްވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ބަސް ސްޓޮޕަކަށް ކައިރިކުރަން ދިޔަ އެމްޓީސީސީގެ ބަހެއް އިދިކޮޅު ސަޕޯޓަރުން ރޭގެ ހުއްޓުވުމުންނެވެ.

ޕީޕީއެމްގެ ސަޕޯޓަރަކުން އެމްޓީސީސީގެ ބަހަށް ހުރަސް އަޅަނީ

ބަސް ހުއްޓުވި މައްސަލައިގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން އާޒިމް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުން ވެހިކަލްތަކަށް ހުރަސް އެޅުމަކީ މިހާރު އާންމުކޮށް ކުރައްވާ ކަމެއް ކަމަށެވެ. އެހެންވެ އެގޮތަށް އަމަލުކުރާ މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް އާޒިމް ވަނީ ފުލުހުންނަށްވެސް ގޮވާލައްވާފަ އެވެ.

"ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެމްޓީސީސީއަށް ވަރަށް ދަތިވޭ މިގޮތަށް އަމަލުކުރާތީ. ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް ނޭޅުމަށް އެދެން. ފުލުހުން، މިކަހަލަ ނާތަހުޒީބު ކަންތައް ކުރާ ބޭފުޅުން އިސްލާހުކޮށްދެއްވާ،" އިދިކޮޅު ސަޕޯޓަރަކު ބަހަކަށް ހުރަސް އަޅާ ވީޑިއޯއަކާ އެކު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިވީޑިއޯއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ޓްވީޓް ކުރި ގިނަ މީހުން ބުނި ގޮތުގައި ޕީޕީއެމްގެ މުޒާހަރާތަކުގައި މަގުމަތިންދާ ވެހިކަލްތައް ހުއްޓުވުމަކީ ވެސް މިފަހަކުން އައިސް އާންމު ކަމެކެވެ.

"ޖެއްސުންކޮށް ދުއްތުރާ މިކުރެވެނީ ރައްޔުތުންނަށް ކަމެއް ހިތަކަށް ނާރާ. ތަނެއްދޮރެއް ނުދަންނަ ނާތަހުޒީބު ބައެއް،"

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާ މީހުން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ވެސް ހުއްޓުވާފަ އެވެ. މިމައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު ކަމާ ގުޅޭ އިދާރާތަކުން ދަނީ މިމައްސަލަ ބަލަމުންނެވެ.