އޮޑިޓާ ޖެނެރަލް އޮފީސް

އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ލިމިޓެޑް (އެންއައިއައި)އާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން ޖެހުނުކަން އޮޑިޓާ ޖެނެރަލް އޮފީހުގެ އެސެސްމެންޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

"އެންއައިއައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކާގުޅޭ އެސެސްމެންޓް ރިޕޯޓް"އިން އެނގޭ ގޮތުގައި އެންއައިއައި އަށް އާސަންދައިން ލިބެންޖެހޭ ފައިސާ އާއި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއަށް ހޯދާފައިވާ ސާމާނުގެ އަގާއި މެޑިކަލް ކޮންސިއުމަބަލްސް އާއި މުވައްޒަފުންގެ މުސާރައަށް ޖުމްލަ 29،018،393ރ. ރުފިޔާ ދޭން ޖެހުނެވެ.

އެންއައިއައި އަށް އާސަންދައިން 16،668،075ރ. ދޭންޖެހޭއިރު ސީޓީ ސްކޭން މެޝިން އަދި އެއަށް ބޭނުންވާ އިކުއިޕްމަންޓްގެ އަގުގެ ގޮތުގައި 2،467،200ރ. ދޭންޖެހެ އެވެ. އޭގެ އިތުރުން ޑެންޓަލް އެޗާ އަދި އެކްސެސަރީޒަށް 208،278ރ. އާއި އެކޯ މެޝިނަށް 593،027ރ. ދޭންޖެހެ އެވެ.

އޭގެ އިތުރުން މެޑިކަލް ކޮންސިއުމަބަލްސްއަށާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ހަރަދުގެ ގޮތުގައި 9،081،813ރ. ދޭން ޖެހެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން އެންއައިއައި އާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ހޮސްޕިޓަލް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ ދެމެދު ސޮއިކުރީ ޖޫން 20، 2017ގައި 50 އަހަރުގެ މުއްދަތަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބޭ ސާފު ފައިދާގެ 30 ޕަސަންޓް ސަރުކާރަށް ލިބޭ ގޮތަށް މި އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އެންއައިއައި އާ ހަވާލުކުރެވުނު ނަމަވެސް އެއްބަސްވެފައިވާ ޓައިމްލައިންއާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނާއި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވުމުން ޑިސެމްބަރު 2017ގައި ހެލްތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހަމަޖައްސާފަ އެވެ.

އެއްބަސްވުން ބާތިލުކުރުމަށް ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު އެންއައިއައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި ދުވަސްވަރު އެ ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދެއްކުމާގުޅޭ ގޮތުން އަމަލުކުރަންވީ ގޮތެއް ސެޓްލްމަންޓް އެގްރިމެންޓްގައި ނެތްކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެންއައިއައި އިން ކުޅުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގިއިރު ހޯދާފައިވާ މުދަލާއި ހިދުމަތްތަކުގެ އަގު ހޯދުަށް އެކި ފަރާތްތަކުން 157 ބލު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހުށހަަލާފައިވެއެވެ. މި ބިލުތަކުގެ ޖުމްލަ އަގު 1،914،292ރ. އަށް އަރައެވެ.

އެސެސްމެންޓް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިައިގެ މަތިން ކެނޑިފައިވާތީ ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަންޖެހޭނީ ހެލްތު މިނިސްޓްރީން ކަމަށެވެ.