މޯލްޑިވިއަން

މޯލްޑިވިއަންއަށް ފަސް ބޯޓު ކުއްޔަށް ހޯދަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ފަސް ފްލައިޓް ކުއްޔަށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްއިން ކުރި އިއުލާނެއްގައި ބުނީ މުޅިން އާ ނުވަތަ ބޭނުންކުރަމުންދާ އޭޓީއާރު42-600 މަރުކާުގެ ފަސް ބޯޓު ކުއްޔަށް ހޯދަން ބޭނުންވާ ކަމަށެވެ.

އާ ބޯޓެއްނަމަ 12 އަހަރަށް އަދި މިހާރު ބޭނުންކުރަމުންދާ ބޯޓެއްނަމަ ހަ އަހަރަށް ކުއްޔަށް ހޯދަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފަ އެވެ.

ކުއްޔަށް ނަގާ ފަސް ބޯޓުގެ ތެރެއިން ތިން ބޯޓު ބޭނުންވަނީ އޮޕަރޭޓިން ލީސް ނުވަތަ އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

ބޯޓު ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވިއަންގައި މިހާރު އޭޓީއާރު72 މަރުކާގެ ދެ ފްލައިޓާއި އޭޓީއާރް މަރުކާގެ އެއް ފްލައިޓް އޮވެ އެވެ.

މީގެ އިތުރުން އެއާބަސް 320 މަރުކާގެ ފްލައިޓަކާއި ޑޭޝް8-300 މަރުކާގެ އަށް ފްލައިޓާއި ޑޭޝް8-200 މަރުކާގެ ދެ ފްލައިޓް އޮވެ އެވެ.

ސީޕްލޭންގެ ހިދުމަތަށް 11 ސީޕްލޭން އެ އެއާލައިންގައި އޮވެ އެވެ.