ހައިކޯޓް

ގަދަކަމުން ފިރިމީހާ ގެއަށް އަނބިމީހާ ގެންދަން ނެރުނު އަމުރު ބާތިލުކޮށްފި

ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އަނބިމީހާ ފިރިމީހާ ގެއިން ނިކުމެގެން ދިޔުމުން، ފިރިމީހާ ގެއަށް އަނބިމީހާ ގަދަކަމުން ގެންދިޔުމަށް ދ. ކުޑަހުވަދޫ މެޖިސޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު މި އަމަރު ނެރެފައިވަނީ 2014 ވަނަ އަހަރު، ދެމަފިރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ދަރިފުޅު ގޮވައިގެން އޭނާގެ ދައްތައެއްގެ ގެއަށް ބަދަލުވުމާ ގުޅިގެން ފިރިމީހާ ފަރާތުން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ކޯޓު ފުލުހުންގެ މައްޗަށް އަމަރު ނެރެފައިވަނީ 48 ގަޑިއިރު ތެރޭގައި އަންހެން މީހާ ގަދަކަމުން ވިޔަސް ފިރިމީހާގެ ގެއަށް ގެންދިޔުމަށެވެ.

ކުޑަހުވަދޫގެ ކޯޓުގެ އަމަރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ އަމަރު ބާތިލުކުރުމަށް ނިންމާފަ އެވެ. މި މައްސަލާގައި ހުކުމް އިއްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެޗްގައި އިންނެވި އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެފައިވަނީ، ދެމަފިރިން ސުލްހަކުރުމަށް އަމަލުކުރަންޖެހޭ އުސޫލުތައް އާއިލާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ދެމަރިފިން ސުލްހަ ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގައި ގޯހެއް ނެތް ކަމަށެވެ. ނަމަވެސް ދެމަފިރިން ކުރެ މީހަކު ސުލްހަވާން ބޭނުން ނުވަނީސް ގަދަކަމުން ސުލްހަ ކުރުވަން އަމުރުތައް ނެރެ އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ކޯޓުގައި އަންހެން މީހާ، ފިރިމީހާއާއެއްކޮށް ސުލްހަވާން ބޭނުންނުވާ ކަމަށް ސާފު ބަހުން ބުނެފައިވާއިރު ކޯޓުން ގަދަކަމުން އަންހެން މީހާ، ފިރިމީހާގެ ގެއަށް ގެންދަން މަސައްކަތްކުރުމަކީ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކުޑަހުވަދޫ ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކީ ދެމަފިރިން ސުލްހަކުރުމާ ބެހޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފަ އެވެ. ފަނޑިޔާރު ސަމީރުގެ އިތުރުން މި މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ، ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.