ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ އިތުރަށް މަރާމާތު ކުރަން ބޭނުންވާ ކަމަށެވެ.
ޕާކު ތެރޭގައި އަދި ޕާކާއި އިންވެގެން އޮތް ސަރަހައްދުތަކުގައި ކުރަންހުރި މަސައްކަތްތައް އަމިއްލަ ހަރަދުގައި ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގަ އެވެ. ބީލަން ހުށަހަޅަން ޖެހޭނީ މިމަހުގެ 25 ވަނަ ދުވަހުގެ 11:00އަށެވެ.
![](https://images-01.avas.mv/post/big_nOLx575aDemsgnkKEkytJ98QQ.jpg)
ލޮނުޒިޔާރަތް ޕާކު ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 11، 2020ގަ އެވެ.
މި ޕާކު ހެދުމަށް 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލެ ސިޓީގެ އޭރުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.
ޕާކްގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނޭ އިރު 300 އަށްވުރެ ގިނަ ބެންޗާއި، ކަސްރަތަށް ދުވާ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނެެ އެވެ. އަދި މިއީ ވަރަށް ގިނަ އަދަދެއްގެ މާމެލާމެލި ހިމެނޭ ޕާކެކެވެ.