ފިނޭންސް މިނިސްޓްރީ

ލޯނު ދައްކަން 816 މިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނު ދެއްކުމަށް ދައުލަތުން މިއަހަރު 816 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް 816.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ކުރި ހަރަދަށްވުރެ 182.2 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން 634.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ 2.1 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު 12.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން 8.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި 3.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބުނީ 9.7 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 7.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.4 ބިލިއަން ރުފިޔާ ހިމެނެ އެވެ.