މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ތިލަފުށީގައި ބަލްކް ޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ކ. ތިލަފުށީގައި ބަލްކް ޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފި އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ ބޮޑެތި ބަލްކް ކާގޯ އުޅަނދުތަކާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރަށް ހިދުމަތް ދެވޭނެ ޒަމާނީ ބަނދަރެއް ގާއިމުކުރުމެވެ.

އަލަށް ހަދާ ބަނދަރުގެ މަސައްކަތް ނިމުމުން އާންމު އަދި އާދައިގެ މުދާ ނުހިމަނާ މާލޭ ކޮމާޝަލް ހާބަރުގައި މިހާރު ހިންގާ ހުރިހާ ކާގޯ އޮޕަރޭޝަންތައް ވަގުތީ ގޮތުން ދޭނީ އާ ބަނދަރުންނެވެ.

މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބިން ހިއްކުމާއި ބްރޭކްވޯޓާ ހެދުމާއި މަގު ހެދުމާއި ކޮންޓެއިނާ ޔާޑް ހެދުމާއި ޓާމިނަލްގެ ގޭޓުތައް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން ކާގޯ އުފުލުމަށް ބޭނުންވާ ސާމާނާއި ކާގޯ ސްކޭން ކުރާ ސާމާނު އިންސްޓޯލްކޮށް ކޮމިޝަންކުރުން ހިމެނެ އެވެ.

ތިލަފުށީގައި ތަރައްގީކުރާ ބަލްކް ޕޯޓްގައި މުދާ ރައްކާތެރިކުރުމަށް 1.4 ހެކްޓަރުގެ ގުދަނެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.