ހަބަރު

އިންޑިއާގެ 18 ހޮސްޕިޓަލެއްގެ ސްޕެޝަލިސްޓުންނާއެކު އެކްސްޕޯއެއް ބާއްވަނީ

އިންޑިއާގެ 18 ހޮސްޕިޓަލެއްގެ ސްޕެޝަލިސްޓުން ރާއްޖެ ގެނެސް "އިންޑިއާ ހެލްތް އެކްސްޕޯ" ގެ ނަމުގައި އެކްސްޕޯއެއް ދަރުބާރުގޭގައި ބާއްވަން އިންޑިއަން ހައިކޮމިޝަނުން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކުރާ މި އެކްސްޕޯގައި ވިއްސަށްވުރެ ގިނަ އިންޑިއާގެ ސްޕަޝަލިސްޓުން ބައިވެރިވާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުންޏެވެ.

އިންޑިއާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި އެކްސްޕޯގައި މެޑިކަލް އެޕޮއިންޓްމެންޓް ހެއްދުމާއި އިންޑިއާގެ ހޮސްޕިޓަލުތަކުން ލިބެންހުރި ހިދުމަތްތަކާއި އަގުތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދޭނެ އެވެ. އަދި މި އެކްސްޕޯއިން ބޭސްފަރުވާއަށް ހޮސްޕިޓަލުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

އެކްސްޕޯ ބާއްވަނީ ދަރުބާރުގޭގައި މި މަހުގެ 13، 14 އަދި 15 ވަނަ ދުވަހު އެވެ. ވަނުން ހިލެ އެވެ.

އެކްސްޕޯގެ އިތުރުން "ހެލްތް އެންޑް ވެލްނެސް ވީކް"ގެ ނަމުގައި މެޑިކަލް ކޭމްޕުތަކެއް އައިޖީއެމްއެޗްގައި ބޭއްވުމަށް ވެސް އިންޑިއާ އިން ވަނީ ނިންމާފަ އެވެ. މި ކޭމްޕަށް ވެސް އިންޑިއާ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ޒިޔާރަތްކުރާނެ އެވެ.

އެގޮތުން މި މަހުގެ 14 އިން 16 އަށް އައިޖީއެމްއެޗްގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓަކު ބަލިމީހުން ބަލާއިރު ކިޑްނީގެ ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓެއް 15 އިން 16 އަށް އައިޖީއެމްއެޗްގައި ބަލިމީހުން ބަލާނެ އެވެ. އަދި ކޭމްޕްގައި މި މަހުގެ 16 އިން 18 އަށް ކުޑަކުދިންގެ ކަށިގަނޑު ނުވަތަ މަސްގަނޑުގައި ހުންނަ އައިބުތަކާ ބެހޭ ސްޕަޝަލިސްޓެއް ވެސް ހަރަކާތްތެރިވާނެ އެވެ.

އިންޑިއާގެ ހޮސްޕިޓަލްގެ ޑެލިގޭޓުންނާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއެކު ޕާޓްނަޝިޕް ޑައިލޮގެެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. ހައިކޮމިޝަނުން ބުނީ މިއީ ރާއްޖެއާއި އިންޑިއާގެ ހޮސްޕިޓަލްތަކުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ ޑައިލޮގެއް ކަމަށެވެ.