އޮޑިޓާ ޖެނެރަލް އޮފީސް

17 މީހަކަށް ބަދަލުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސިވިލް ސާވިސް މުވައްޒަފުން ވަކިކުރުމާ 17 މީހަކަށް ބަދަލުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ދީފައިވާ ކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން އާންމުކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަންގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނާ ގޮތަށް އަމަލުނުކޮށް ވަޒީފާ އިން ވަކިކުރުމާ ގުޅިގެން 2021 ވަނަ އަހަރު ބަދަލުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެކި އަހަރުތަކުގައި ދިމާވެފައި ހުރި ވަޒީފާއާ ގުޅޭ މިމައްސަލަތަކުގައި ފައިސާ ދޫކޮށްފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންނާއި ކޯޓުތަކުން ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމުމުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެެވެ.

ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ ނުވަ މައްސަލައެއްގަ އެވެ. މީގެތެރެއިން ފަސް މައްސަލައިގައި ފައިސާ ދޫކުރީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުން ކޯޓުގައި އިސްތިއުނާފް ނުކޮށެވެ. ދެ މައްސަލައިގައި ފައިސާ ދޫކުރީ ސިވިލް ސާވިސް ކޮމިޝަނާ އެއްކޮޅަށް ޓްރައިބިއުނަލްގެ މަރުހަލާގައި ނިންމާފައިވަނިކޮށް އެ މައްސަލަ މުވައްޒަފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށް ކޯޓު މަރުހަލާ އިން މުވައްޒަފާ އެއްކޮޅަށް މައްސަލަ ނިންމުމުންނެވެ. ބާކީ ދެ މައްސަލައިގައި ފައިސާ ދޫކުރީ ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ޓްރައިބިއުނަލްގެ މަރުހަލާގައި މައްސަލަ ނިންމުމުން އެ މައްސަލަ ކޮމިޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރުމާ ގުޅިގެންނެވެ.

މިމައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގެ އިސްތިއުނާފު ލަސްވުމުން އިތުރު ދެ ލައްކަ ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން ބަދަލު ދޭން ޖެހުނު މުވައްޒަފަށް އިތުރަށް ދައްކަން ޖެހުނު ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުން ވަނީ ބައެއް ކަންކަން ސިވިލް ސާވިސް ކޮމިޝަނުން އިސްލާހުކުރުމަށް އަންގާފަ އެވެ. އެގޮތުން މުވައްޒަފުން ވަޒީފާ އިން ވަކިކުރާއިރު ގާނޫނާ އެއްގޮތަށް އިޖުރައާތްތައް ފުރިހަމަކުރަން އަންގާފައިވެ އެވެ. އަދި މުވައްޒަފަކު ވަޒީފާ އިން ވަކިކުރީވެސް ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ނިންމާއިރު ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި ވަޒީފާގެ އެއްބަސްވުންތައް އަލުން ހެދުމަށްވެސް އަންގާފައިވެ އެވެ.

ބަދަލުގެ ގޮތުގައި ބައެއް މުވައްޒަފުންނަށް ދޭން ޖެހުނު އަދަދަށް ބަލައި އިހްމާލުވި މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ އުސޫލެއް އެކުލަވާލުމަށްވެސް އަންގާފައިވެ އެވެ. އަދި މުވައްޒަފެއްގެ އިހްމާލުން ޖޫރިމަނާއެއް ދައްކަންޖެހޭ ނަމަ ދައުލަތުން އެކަމަށް ކުރާ ހަރަދު މުވައްޒަފު އަތުން ހޯދަން ވެސް އޮޑިޓް ރިޕޯޓްގައި ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވެ އެވެ.