މިއުޒިކް

މޫންބިންގެ މަރާއި، ކޭ-ޕޮޕްގެ އަނދިރި ފަރާތް

ކޭ-ޕޮޕް ތަރި މޫންބިން އަކީ ސައުތު ކޮރެޔާގެ އެސްޓްރޯ ކިޔާ ފިރިހެން ކުދިންގެ ބޭންޑެއްގެ މެމްބަރެކެވެ. އަދި ދުނިޔޭގެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. މޫންބިން މިދިޔަ ހަފުތާގައި ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. މިކަން ސައުތު ކޮރެއާގެ ފުލުހުންނާއި މޫންބިން މަސައްކަތްކުރި މިއުޒިކް ލޭބަލުން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާ މަރުވެފައި އޮއްވާ ފެނުނީ ސޯލްގައި ހުންނަ އޭނާގެ އެޕާޓްމަންޓްގަ އެވެ. އެއާއެކު މޫންބިންގެ އެތައް މިލިއަން ފޭނުންނެއް ހިތާމައިގެ ކަނޑަކަށް ޣަރަގުވި އެވެ.

ސައުތު ކޮރެއާގެ ފުލުހުން ގަބޫލުކުރާ ގޮތުގައި މޫންބިންގެ މަރުގައި ޝައްކު ކުރެވޭ ކަހަލަ އެއްވެސް ކަމެއް ނެތެވެ. އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް އެމީހުން ލަފާ ކުރެ އެވެ.

އެއާއެކު ދެން ފެންމަތިވީ މުޅިން އާ ވާހަކަ ތަކެކެވެ. ކޭ-ޕޮޕް އިންޑަސްޓްރީގެ އަނދިރިފަރާތުގެ ވާހަކަ އެވެ. އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ މެދުގައި އޮތް ވަރުގަދަ ވާދަވެރިކަމެވެ. އެމީހުންނަށް އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް ޕްރައިވަސީއެއް ނެތެވެ. އޮންލައިން ބުލީކުރުމުގެ ކަންތައް އެހާ ބޮޑެވެ. ވަކި ގޮތަކަށް އަބަދާ އަބަދު ތިބުމަށް އާއްމުން ކުރާ ޕްރެޝަރު އެހާމެ ބޮޑެވެ.

އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް ވަރަށް ހަރުކަށި ކޮންޓްރެކްޓްތަކުގައި ސޮއިކުރަން ޖެހެ އެވެ. އެ ކޮންޓްރެކްޓްގައި އެ މީހުންގެ ކެއިން ބުއިމުގެ އާދަ ގެންގުޅެން ޖެހޭ ގޮތުން ފެށިގެން އެމީހުންގެ ލަވަ ކިއުމުގެ ޓްރެއިނިންގައި ހޭދަކުރަން ޖެހޭ ވަގުތުތަކާއި އެއްގޮތަކަށްވެސް ފޯނު ބޭނުން ނުކުރެވޭ ޕޮލިސީ އާއި މީހަކާ ލޯބީގެ ގޮތުން ގުޅުން މަނާ ކުރުން ފަދަ ބައިތައް ހިމެނެ އެވެ.

މިހާ ހަރުކަށިކޮށް ކޮންޓްރެކްޓް ހަދާފައި އޮތުމުން ވަރަށް އަވަހަށް ފަންނާނުން މާޔޫސްވެ ޑިޕްރެޝަނަށް ވެއްޓެ އެވެ. އަދި މި ކޮންޓްރެކްޓަށް ތަބާވުމަށް ވުރެ އަމިއްލަ ފުރާނަ ދުއްވާލުންވެސް މާހިތްހަމަޖެހޭ ކަމަކަށް އެމީހުންނަށް ވެއެވެ.

މި ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އެ ފަންނާނެއްގެ ބަރުދަން ވެސް ވަކި ވަރެއްގައި ހިފަހައްޓަން ޖެހެ އެވެ. އަޅަން ޖެހެނީ ވަކި ކަހަލަ ހެދުމެކެވެ. އަދި އާއްމުންނަށް ފެންނައިރު ހުންނަން ޖެހެނީ ވެސް ވަކި ގޮތަކަށެވެ. އަދި އަންހެން އަދި ފިރިހެނުން ފަންނާނުން މުޅިން ވަކިން ބައިތިއްބައިގެން އެމީހުންގެ ލޯބީގެ ގުޅުންތަކަށް ހުރަސް އަޅަ އެވެ. އަންހެން އަދި ފިރިހެން ލަވަ ކިޔުންތެރިން ދިމާވިޔަސް އެކަކު އަނެކަކަށް ގޮވާލާ ސަލާން ކޮށްލުން ވެސް މަނަލެވެ. މިއީ ވެސް ޑިޕްރެޝަންގެ މައްސަލަ މި މީހުންގެ މެދުގައި ބޮޑުވާ ސަބަބަކަށް ވެއެވެ.

މޫންބިން އަށް ވެސް ނަފްސާނީ މައްސަލަތައް ދިމާވަމުން އަންނަތާ ކިތަންމެ ދުވަހެކެވެ. ފޯނު ބޭނުން ނުކުރެވި އެއްވެސް މީހަކާ ވާހަކަ ދައްކާނެ ފުރުސަތު ނުލިބުމާއި އެއްވެސް އެކުވެރިއަކު ނެތި އެކަނިމާއެކަނި އަބަދާ އަބަދު ރޮބަޓްތަކެއް ހެން މަސައްކަތް ކުރަން ޖެހުމުން އޭނާއަށް ވެސް ދިމާވި ނަފްސާނީ މައްސަލަތަކުން އަރައި ނުގަނެވުނީ އެވެ.