ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ޒިކާ ވައިރަހަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ވައިރަހެއް ނަމަވެސް ޖިންސީގުޅުމުގެ ސަބަބުން މީހެއްގެ ގަޔަށް ޒިކާ ވައިރަސް އަރައިފި އެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ އެމެރިކާ ޓެކްސެސްގަ އެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ)އިން މައުލޫމާތުދޭ ގޮތުގައި، ޒިކާ ވައިރަސް ފެނިފައިވާ މީހާއަކީ ޒިކާ ވައިރަސްގެ އަސަރު ފެނިފައިވާ ހިސާބަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ބައިވެރިޔާ ވަނީ ވެނެޒުއެލާއަށް ދަތުރުކޮށްފަ އެވެ. އެ ޒިކާ ވައިރަސް ފެނިފައިވާ ގައުމެކެވެ.
ޒިކާ ވައިރަހަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހަކަށްވާއިރު މި ވައިރަހުގެ ސަބަބުން މައިކްރޯސެފަލީ ނުވަތަ ވިހާއިރު ސިކުނޑި އުފެދެންވާ އުނިކަމެއް އައިސްފައި ހުރުމާ ގުޅުވާފައިވެ އެވެ. ނަމަވެސް މައިކްރޯސެފަލީ އަކީ ސީދާ ޒިކާ ވައިރަސްގެ ސަބަބުން ދިމާވާ ކަމެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ޒިކާ ވައިރަސް ދުނިޔެއިން އެންމެ ފުރަތަމަ 1940 އަހަރު ފެނިފައިވާއިރު އެ ބައްޔަކީ އެހާ ސަމާލުކަމެއްދީގެން ބައްޔާބެހޭ ދިރާސާތަކެއް ހަދާފައިވާ ބައްޔެއް ނޫނެވެ. މިދިޔަ އަހަރުގެ މޭ މަހު ބްރެޒިލުން ޒިކާ ވައިރަސް ފެނި އެ ގައުމުގައި މިދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ޒިކާ ވައިރަސް ބާރު ސްޕީޑެއްގައި ފެތުރިފައިވެ އެވެ. ދުނިޔޭގެ ސަމާލުކަމަށް ޒިކާ ވައިރަސް އައީ ބްރެޒިލްގައި މައިކްރޯސެފަލީ އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ.
ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ހެލްތް އެމަޖެންސީ އިއުލާންކޮށްފައިވީ ނަމަވެސް އެ ޖަމިއްޔާއިން ވަނީ މި އެމަޖެންސީގެ ސަބަބުން އެއްވެސް ގައުމަކަށް ދަތުރުކުރުން ހުއްޓާލުމަށް ނުވަތަ ދަތުރު މަދުކުރުމަށް ނާންގާނެ ކަމަށެވެ. އަދި އެކަން ކުރުމަކީ އެދޭ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގައި މި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު އޮސްޓްރޭލިއާގެ ދެ މީހެއްގެ ގައިން ވެސް ޒިކާ ވައިރަސް ވަނީ ފެނިފަ އެވެ.
އެ ޖަމިއްޔާއިން އެދެނީ ޒިކާ ވައިރަސްއިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް ހުރިހާ ގައުމުތަކުން އެކުގައި އެޅުމަށެވެ. ޒިކާ ވައިރަސްއަކީ ޑެންގީ ވައިރަސް ވެސް ފަތުރާ އީޑިސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. އެހެންކަމުން ޒިކުރާ ވައިރަސްގެ އަލާމަތްތަކަކީ ވެސް ޑެންގީ ހުމުގެ އަލާމަތްތައް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.