މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެކްސްޕޯޓް 51 ޕަސަންޓު އިތުރުވެއްޖެ

ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު މިދިޔަ މާޗްމަހު 51 ޕަސަންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ މާޗްމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މާޗް މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ.

މިއީ މިދިޔަ އަހަރުގެ މާޗްމަހު އެކްސްޕޯޓްކުރި 228 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 51 ޕަސަންޓްގެ އިތުރުވުމެކެވެ.

މާޗް މަހުގެ އެކްސްޕޯޓުގެ 66 ޕަސަންޓު މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ނުވަ ޕަސެންޓު ބޭރުކުރީ އިނގިރޭސިވިލާތަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މާޗް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 10 ޕަސަންޓު ވަނީ އިތުރުވެފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މާޗް މަހު އިމްޕޯޓުކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ މާޗް މަހު މި އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ޔޫއޭއީ އިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 696 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އޮމާނުން 467 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 408 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 357 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މާޗް މަހުގެ އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު މިއަހަރުގެ މާޗް މަހު އިތުރުވެފަ އެވެ. މިއަހަރުގެ މާޗްމަހު ލިބުނީ 330 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މާޗްމަހު ލިބުނީ 320 މިލިއަން ރުފިޔާ އެވެ.