ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ދައުރަށްފަހު މަޖިލިސް މާދަމާ ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާއަށްފަހު މާދަމާ މަޖިލިސް ޗުއްޓީއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މާދަމާ މެންދުރު 12:00ގައި މަޖިލިސް ނިންމުމަށް ގަސްތުކުރައްވާ ކަމަށެވެ.

"މާދަމާއަކީ އިރާދަކުރެއްވިއްޔާ މަޖިލިސް ޗުއްޓީއަށްދާ ދުވަސް. އަޅުގަނޑު ގަސްތުކުރަނީ މާދަމާ މެންދުރު 12 ޖަހާއިރު މަޖިލިސް ނިންމަން. މާދަމާއަކީ މި ދައުރުގެ އެންމެ ފަހު ބުރާސްފަތި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާދަމާއިން ފެށިގެން ދެ ހަފުތާއަށް މަޖިލިސް ޗުއްޓީއަށްދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.

މަޖިލިސް ޗުއްޓީއަށް ދާއިރު ކުނި މެނޭޖު ކުރުމާބެހޭ ގާނޫނުގެ ދަށުން ނަގަމުން އަންނަ ޕްލާސްޓިކް ކޮތަޅު ފީ އާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ވިއްކާ ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ އެއް ނަގަންޖެހެ އެވެ.

ސަރުކާރުން ވަނީ 50 ނުވަތަ 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ގަންނައިރު ފީ އިސްތިސްނާކުރަން ގާނޫނު އިސްލާހުކުރަން ހުށަހެޅުމަށް ނިންމާފަ އެވެ.