ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން އެދޭހާ ގޮތަކަށް މަޖިލީހުން ކަމެއް ނުކުރާނަން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމެއް އަވަސްކުރަން އެދުނު ނަމަވެސް އެކަން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ނިޒާމީ މައްސަލައެއްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ތޯރިގު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ 12 ޖަހާއިރު ނިންމާލާނެކަން ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވާފަ އެވެ. އެޖެންޑާގައި މެންބަރުން ވާހަކަ ދައްކަން އެދިފައިވަނިކޮށް އަދި ޖަލްސާގެ ވަގުތު ނުނިމެނީސް އެޖެންޑާ ނިމުނީ ކަމަށް ކަނޑަނޭޅޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރިވުމަށް މެންބަރުން އެދިވަޑައިގަންނަވާނަމަ ރިޔާސަތުން ބަހުސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

މިހާރު ނުނިމި ހުރި މަސައްކަތްތަކަކީ ގިނައިރު ބަހުސްކުރެވިފައި ހުރި މަސައްކަތްތައްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގިނަ ސިޔާސީ ޕާޓީތަކުގެ ވަގުތު ހަމަވެފައިވާ ކަމަށެވެ.

މަޖިލިސް މިއަދު ޗުއްޓީއަށްދާއިރު މަސައްކަތްތައް ކޮމިޓީތަކަށް ފޮނުވިފައިވާނަމަ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ކޮމިޓީން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޗުއްޓީއަށްފަހު މަޖިލިސް ހުޅުވޭއިރު ކޮމިޓީ ރިޕޯޓުތަކަށް މަޖިލީހުން ގޮތެއް ނިންމޭ ވަރަށް މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް މެންބަރަކުގެ ހިތަށް ވައްދަވައިގެން ނުވާނެ ސަރުކާރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކުރަންވެގެން އަޅުގަނޑަށް ޖެހިގެން މިތަނުގައި އިނދެ އަޅުގަނޑު ކަމެއް ކުރާނެ ކަމަށް. އެއީ އެކަން ހިނގާނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅު ބޮނޑިން ކޮތަޅު ފީ ނެގުން އިސްތިސްނާކުރުމަށް ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅާމެދު ރައްޔިތުން ކަންބޮޑުވަނީ އޭގެ ސަބަބުން ތިމާވެއްޓާއި ސިއްހަތަށް ގެއްލުން ލިބޭތީ ކަމަށެވެ.

އެއީ އަވަސް ކުރަންޖެހޭ ބާވަތުގެ ބަހުސެއް ނޫން ކަމަށާއި އެކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއީ އަވަސް ކުރަންޖެހޭ ބާވަތުގެ ބަހުސެއް ނޫން ކަމަށާއި އެކަމާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހު މިއަދު ކޮމިޓީއަށް ފޮނުވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.