ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު މައްސަލައިގައި ރާއްޖެއަށް ކާމިޔާބުވީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މައްސަލަ ނިންމާފައިވާއިރު މިނިސްޓަރު ޝާހިދު ވިދާޅުވީ ނިންމުމުގެ ސަބަބުން އިގްތިސާދީ ހާއްސަ ސަރަހައްދު -- އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ އިންތައް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
"ބައިނަލްއަގުވާމީ ނިޒާމަށް އަޅުގަނޑުމެންގެ އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ފުރިހަމަ އިންތައް ކަށަވަރުކުރެވިއްޖެ،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އިޓްލޮސްގެ ނިންމުމާއެކު، ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.
ފުށު އަރާބައި އިއުއި ޑިސްޓެންސްގެ އުސޫލުން ބެހުމަށް އިޓްލޮސް އިން ނިންމާފައިވާއިރު ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މިން އެޅުމަށް މޮރިޝަސް އިން ބުނުމުންނެވެ.
އިޓްލޮސް އިން ނިންމީ އިކުއި ޑިސްޓެންސްލައިން ކުރެހުމުގައި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް ނުބެލުމަށެވެ.