ފިލްމީ ބަތަލާ ޖިއާ ޚާން އަމިއްލައަށް މަރުވި މައްސަލައިގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ސޫރަޖް ޕަންޗޯލީ ކުށްވެރިވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް އިންޑިޔާގެ ސީބީއައި ކޯޓުން ހުކުރު ދުވަހު ނިޔާ ކަނޑައަޅައިފި އެވެ.
ޖިއާ މަރުވިއިރު އޭނާއަށް 24 އަހަރެވެ. އޭނާ މަރުވެފައި ހުއްޓާ ފެނިފައިވަނީ ޖޫން ތިނެއް، 2013 ވަނަ ދުވަހު އެވެ. އަދި ޖިއާ އަމިއްލައަށް މަރުވީ ސޫރަޖް ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ އޭނާގެ ބޮލުގައި އެ މަރުގެ ޒިންމާ އަޅުވަން ޖިއާގެ މަންމަ ރާބިއާ ޚާން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި ރާބިއާ ކުރި ޝަކުވާ އާ ގުޅިގެން މުމްބައި ފުލުހުން ޖޫން 10، 2013 ވަނަ ދުވަހު ސޫރަޖް ހައްޔަރުކޮށް މަހެއްހާ ދުވަހު ޖަލުގައި ވެސް ބަހައްޓާފައި ވެއެވެ.
ޖުލައި ތިނެއް، 2013ގައި އޭނާ ޖަލުން މިނިވަން ވީ ހައި ކޯޓުން އޭނާގެ ޒަމާނަތު ގަބޫލުކޮށް މިނިވަން ކުރީމަ އެވެ. ސޫރަޖް އަބަދުވެސް ބުނަމުން ދިޔައީ ޖިއާގެ މަރުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށެވެ. ނަމަވެސް ޖިއާގެ މަންމަ އެ ވާޙަކަ ގަބޫލެއް ނުކުރެ އެވެ.
އިއްޔެގެ ހުކުމަށްފަހު ވެސް ރާބިއާ ޚާން ބުނީ އެ ހުކުމް ގަބޫލުނުކުރާ ކަމަށާއި މަތީ ކޯޓުތަކުގައި މި ހުކުމް އިސްތިއުނާފުކޮށްގެން ޖިއާ އަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ސޫރަޖް ކުށެއް ނެތް ކަމަށް ކޯޓުން ހުކުމް އިއްވުމާއެކު އެ ވަގުތު ކޯޓަށް ހާޒިރުވެ އިން އޭނާގެ މަންމަ ޒަރީނާ ވައްހާބްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އައިތަން ފެނިފައި ވެއެވެ.
ކޯޓުން ނިކުމެ ނޫސްވެރިންނާއި ފޭނުންނަށް މެޓާ ބަހައި އުފާ ފާޅު ކުރަމުން ސޫރަޖް ބުނީ މި މައްސަލައިގައި ވާނުވާ ނޭނގި ހާސްވެފައި ހުންނަތާ 10 އަހަރު ވެއްޖެ ކަމަށާއި އެހާ ގިނަ ދުވަހުން ވެސް އިންސާފު ލިބުނީތީ ވަރަށް އުފާކުރާ ކަމަށެވެ.
ކޯޓުގައި މި މައްސަލަ ހިނގަން ފެށީ ސޫރަޖްގެ ފުރަތަމަ ފިލްމު ނިމި ރިލީޒްވެސް ނުވަނީސް ކަމަށް ވުމުން މިކަމާ ހެދި ސޫރަޖްގެ ފިލްމީ ކެރިއަރަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް ލިބިފައި ވެއެވެ.
ސޫރަޖް އަކީ ކުރީގެ ފިލްމީ ދެ ތަރިން ކަމަށްވާ އަދިތުޔާ ޕަންޗޯލީ އާއި ޒަރީނާ ވައްހާބުގެ ދަރިއެކެވެ.