ޓޫރިޒަމް

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތްވަނައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޒިޔާރަތްކުރީ 27،706 ފަތުރުވެރިންނެވެ. މިއާއެކު ކުރިން ހަތްވަނައިގައި އޮތް ފްރާންސްގެ މައްޗަށް ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓު ވަނީ ކުރި ހޯދާފަ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ވައިގެ ދަތުރުފަތުރުތައް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. ޗައިނާއަކީ ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެންމެ ކުރީގައި އޮތް ގައުމެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 666،830 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 557،445 ފަތުރުވެރިންނާ އަޅާބަލާއިރު 19.6 ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 79،166 ފަތުރުވެރިން
  • އިންޑިއާ - 71،289 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 64،063 ފަތުރުވެރިން
  • އިޓަލީ - 55،594 ފަތުރުވެރިން
  • ޖަރުމަނު - 49،105 ފަތުރުވެރިން
  • އެމެރިކާ - 27،838 ފަތުރުވެރިން
  • ޗައިނާ - 27،706 ފަތުރުވެރިން
  • ފްރާންސް - 26،197 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 17،182 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 11،823 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު 172،499 ޒިޔާރަތްކުރިއިރު ފެބްރުއަރީ މަހު 177،915 ފަތުރުވެރިން އައިސްފައިވެ އެވެ. މާޗްމަހު 173،514 ފަތުރުވެރިން އައިއިރު އެޕްރީލްމަހުގެ މިހާތަނަށް 142،902 ފަތުރުވެރިން އައިސްފައިވެ އެވެ.

މިހާރު ރާއްޖޭގައި 1،233 ޓޫރިސްޓް ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 897 ގެސްޓްހައުސް އާއި 153 ސަފާރީ އުޅަނދާއި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދޭން ހުރި އެނދުގެ އަދަދަކީ 60،538 އެވެ.