ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަހުގީގު ލަސްވިޔަސް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

Apr 30, 2023

ފުލުހުންގެ ބައެއް ތަހުގީގުތައް ލަސްވީ ނަމަވެސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާ ގުޅިގެން މިރޭ ހުޅުމާލޭގައި އޮތް ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް މިހާރު ކުރިއަށްދަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ކަމަށެވެ. އެކަމަކު ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދުމަކީ ވެދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވަނީ ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ކަމަށް ވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ބައެއް ފަހަރު ތަހުގީގެއް ލަސްވުމަކީ، އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަވަނީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި. ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްވެސް ކުރެވޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މިރާއްޖެއަށް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ ކަމަށެވެ.

"އެއް ގައުމެއްގައި ހުރެގެން މާ ދުރުގައި އޮންނަ އެހެން ގައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް މިޒަމާނުގައި ކުރެވިދާނެ ކަމެއް. ބޯޑަރުތަކާއި ސަރަހައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާހައުލު ދަންނަ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ މިވެރިކަމުގެ ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަހުޑް ޕޮލިސިންގެ ހިދުމަތް މިހާރު ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް މިހާރު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ -- އިންޓަޕޯލްގެ ފިކްސްޑް ނެޓްވާކް ޑޭޓާބޭސް އާއި ރާއްޖޭގެ ބޯޑާ މެނޭޖްމަންޓް ސިސްޓަމް 2019 ވަނަ އަހަރުން ފެށިގެން ގުޅާލާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްވެސް 2020 ވަނަ އަހަރުން ފެށިގެން އިންޓަޕޯލްގެ ޑޭޓާބޭސްއާ ގުޅާލާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަޕޯލް ގުޅައިލުމުން ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް އަދި ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ލިބެމުން ދާނެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މައުލޫމާތު، އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް އިންޓަޕޯލްގެ ޑޭޓާބޭސްތަކުން ޗެކްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.