އައްޑޫ ސިޓީ ކައުންސިލް

އިޓްލޮސްގެ ނިންމުމާއެކު މަސްވެރިންގެ އިގުތިސާދީ ހައްގުތައް ކަށަވަރުވެއްޖެ: އައްޑޫ ކައުންސިލް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންގެ އިގުތިސާދީ ހައްގުތައް ކަށަވަރުވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިޓްލޮސްގެ ނިންމުމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގުތިސާދީ ސަރަހައްދު -- އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބުނު ހިތްވަރެއް ކަމަށެވެ.

"މީގެ ކުރިން މި ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަހައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއް،" އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އެ ކައުންސިލުން ބުނީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގާނޫނުތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި ދިވެހި މަސްވެރިންގެ އިގުތިސާދީ ހައްގުތައް ކަށަވަރުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނުން ހާއްސަ އިގުތިސާދީ ސަރަހައްދުގެ އައުޓާ ލިމިޓް ކަނޑައެޅި މި ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބިގެންދިއުމަކީ މަރުހަބާ ކިޔާކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އިޓްލޮސް އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިހުތިރާމު ކުރައްވާ ކަމުގެ ހެއްކެއް ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމީ ހުކުރު ދުވަހު އެވެ. ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.