ރިޔާސީ އިންތިހާބު 2023

ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން 282،755 މީހުންނަށް އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި 144،408 ފިރިހެނުންނާއި 138،347 އަންހެނުން ހިމެނެ އެވެ.

ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.