ޕީޕީއެމް

މެންބަރު ޝިފާއުގެ މެސެޖުގެ މައްސަލަ ސީރިއަސްކޮށް ބެލުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުޣﷲ ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލި ކަމަށް ބުނެ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކުރުމަށް އިދިކޮޅު ޕީޕީއެމް އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ޝިފާއު ކުރެއްވި މެސެޖުގައި ބުނެފައިވަނީ "ރައީސް ޔާމީންގެ އަތްކަނޑައި އިތުރު 100 އަހަރަށް ޖަލަށް ލާން ޖެހޭ" ކަމަށެވެ.

ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޝިފާއުގެ މެސެޖު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ޝިފާއު، ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލެއް ކަމަށް ސިފަކޮށް މި ބަޔާނުގައި ވަނީ މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ޝިފާއު އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ދިފާއުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީގެ މެންބަރަކަށްވާއިރު، މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ރައީސް ޔާމީނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ފާހަގަވަމުންދާ ކަމަށެވެ.

"އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް [ރައީސް ޔާމީނަށް] އަނިޔާވެރިވާނޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށްވާއިރު ސަރުކާރުގެ ނުފޫޒުން "ހަރާން ހުކުމެއް" ޖަހައި އެމަނިކުފާނަށް އަނިޔާވެރިވަމުންދާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާ ކަަމަށްވެސް ބަޔާނުގައިވެ އެވެ.

"މިކޯލިކޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް މިފުރުސަތުގައި ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.