ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ޕްރޮފެޝަނަލް މިންގަނޑު ދޫކޮށްލުމަށްފަހު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ޕްރޮފެޝަނަލް މިންގަނޑު ދޫކޮށްލާފައި ކުރާނެ އެއްވެސް ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލް ނެގުމަށް އެ ޕާޓީގެ ގިނަ ބަޔަކަށް މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދޭ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ.
ސިޔާސީ ބޭނުމެއްގައި އަމިއްލަފުޅަށް ކަމެއް ނުކުރައްވާނެ ކަމެއް ނުކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވި ނަމަވެސް، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް ޕީޕީއެމްގެ މެންބަރު ކަމުން މިދިޔަ އެޕްރީލް މަހު ރަމީޒު ވަނީ އިސްތިއުފާ ދެއްވައިފި އެވެ.
ޕީޕީއެމުން މިމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.