އިންޑިއާ

އިންޑިއާގައި ބާއްވާ ފެއާއެއްގައި ރާއްޖޭގެ އަތްތެރި މަސައްކަތް ހިމަނައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ "ސޫރަޖް ކުންޑް އިންޓަނޭޝަނަލް ފެއާ 2016" ގައި އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިޔާސްއިން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާލައިފި އެވެ. މި ފެއާ މި މަހުގެ އެއްވަނަ ދުވަހު ފަށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފެއާ ކުރިއަށްދާނެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ދިން ފުރުސަތުގައި މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ދިވެހި އަންހެނުންގެ އުފެއްދުން އެހެން ގައުމުތަކުގައި ދައްކާލުމާއި، އެހެން ގައުމުތަކުންކުރާ މިފަދަ މަސައްކަތް ދިވެހި އަންހެނުންނަށް އެގައުމުތަކަށް ގޮސް ބަލާލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެލް އެސޯސިއޭޝަނުން ބުނެ އެވެ. އަދި އަތްތެރި މަސައްކަތްތައް ފަދަ މަސައްކަތްތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ ތަފާތު ގިނަ މަސައްކަތްތެރިންނާއި އަދި ވިހާވެސް ގިނަ ވިޔަފާރިވެރިންނާ އެއްތަނަކުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި ފެއާގައި ބައިވެރިވުމުގެ މަގުސަދެކެވެ.

މި ފެއާގައި ބައިވެރިވުމަށް އޭލް އެސޯސިއޭޝަންގެ މެންބަރުން އިންޑިއާއަށް ގޮސްފައިވާއިރު މެންބަރުން ވަނީ ރާއްޖޭގެ އަތްތެރި މަސައްކަތްތައް ދައްކާލާފަ އެވެ. ފެއާގައި ބައިވެރިވެފައިވަނީ އެ އެސޯސިއޭޝަނުގެ މެންބަރުން ކަމަށްވާ މަރިޔަމް މުހައްމަދު، ރީމާ މުހައްމަދު މަރިޔަމް ޝާދިޔާ އަދި ފާތިމަތު ހަނީފާ އެވެ. މި މެންބަރުންގެ އިތުރުން ފެއާގައި އައްޑޫ ވުމަންސް އެސޯސިއޭޝަންގެ މެންބަރަކާއި ޑަބްލިއުއޭސީއޭއެމްގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.

އޭލްއިން ބުނެފައިވާ ގޮތުގައި އެ އެސޯސިއޭޝަންގެ މޮޓޯއަކީ ވިޔަފާރީގެ ތެރެއިން އަންހެނުންގެ ދިރިއުޅުން ބަދަލުކުރުމެވެ. އެ އެސޯސިއޭޝަނަކީ އޮންޓެޕްރިނިޔާސް ޑިވެލޮޕްމެންޓްގެ ތަފާތު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުގައި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ އެސޯސިއޭޝަނެކެވެ.