ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި އިއްޔެގެ ނިޔަލަށް 710،645 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 640،730 ފަތުރުވެރިންނަށްވުރެ 17.5 ޕަސަންޓު އިތުރުވުމެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތަށްވުރެ 6.4 ޕަސަންޓު އިތުރުވުމެކެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 667،729 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް މޭ މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ 19.9 ޕަސަންޓު ވަނީ ދަށްވެފަ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ މި މުއްދަތަށްވުރެ މިއަހަރުގެ މޭ މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު ވަނީ 3.3 ޕަސަންޓު އިތުރުވެފަ އެވެ.

ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނައިގައި އޮތް ޗައިނާގެ ފަތުރުވެރިކަން މިހާރު އަނގަޅުވަމުން އަންނަކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 4.7 ޕަސަންޓު ހިއްސާއާއެކު ފަތުރުވެރިކަމުގެ މާކެޓުގެ ހަ ވަނައިގައި އޮތީ ޗައިނާ އެވެ.