ރިޔާސީ ބަޔާން

ސުޕަ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއް މިއަހަރު ގާއިމުކުރާނެ: ރައީސް

ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ހާއްސަ ސުޕަރ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މި އަހަރު ތެރޭގައި ގާއިމުކުރެވިގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިތަކަށް މެދުނުކެނޑި ދިގު މުއްދަތަކަށް ބޭސްފަރުވާކުރަންޖެހޭ މީހުންނަށް، އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ދަށުން، ދާއިމީ ގޮތެއްގައި ފަރުވާ ލިބޭނެގޮތް ވަނީ ހަމަޖައްސަވައިދެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 23 މީހެއްގެ ކިޑްނީ ބަދަލުކޮށް، 5 މީހެއްގެ ލިވަރ ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި ހަމައެއާއެކު ރާއްޖެއިން ލިބެން ނުހުންނަ ސިއްހީ ހިދްމަތްތަކަށް ރާއްޖެއިން ބޭރުގެ 31 ހޮސްޕިޓަލަކުން ހުސްނުވާ އާސަންދައިގެ ހިދްމަތް ދެމުން ގެންދެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ބޭރުގައި، ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ހާއްސަ ސުޕަ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއް އައިޖީއެމްއެޗްގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ގާއިމުކުރެވޭނެ ކަމަށާއި ހަމައެއާއެކު ފެންވަރު ރަނގަޅު ކެތުލެބެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖެއަކީ، މެލޭރިޔާ ނައްތައިލެވިފައިވާ ގައުމެއް ކަމަށް ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅައި، އެކަމުގެ ލިޔުން މިދިޔަ އަހަރު ހަވާލުކުރިކަން އެއީ، ސިއްހީ ގޮތުން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ހަމައެޔާއެކު، އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ސްޕެޝަލިސްޓުންނާއި ސްޕަ ސްޕެޝަލިސްޓުންގެ ހިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިދިޔަ އަހަރު ފޯރުކޮށްދީ، 6,000 އަށްވުރެ ގިނަ މީހުން ބަލައި ފަރުވާދީފައިވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަތައް ގާއިމުކޮށް، އާސަންދަ މެދުވެރިކޮށް ބޭސްފިހާރަތަކުން ރައްޔިތުންނަށް ހިލޭ ބޭސް ދޫކުރަން ފެށުން އެއީ، ސިއްހީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.