ޓޫރިޒަމް

ރަޝިއާ މާކެޓު ދަށަށް، އަމާޒަށް ދެވޭނެބާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތް ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް ދަށަށްދާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުން ފެށިގެން ރަޝިއާ އިން އަންނަ ފަތުރުވެރިން އަދަދު ވަނީ މަހުން މަހަށް ދަށަށް ގޮސްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 682،650 އެވެ. އޭގެ ތެރެއިން 11.9 ޕަސަންޓް -- 81،335 ފަތުރުވެރިންނަކީ ރަޝިއާ ފަތުރުވެރިންނެވެ.

ރަޝިއާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް

  • ޖެނުއަރީ - 23،180 ފަތުރުވެރިން
  • ފެބްރުއަރީ - 21،567 ފަތުރުވެރިން
  • މާޗް - 20،313 ފަތުރުވެރިން
  • އެޕްރީލް 29ގެ ނިޔަލަށް - 16،275 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައި މިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

މި އަދަދުތަކާއެކުވެސް ރަޝިއާ އަދިވެސް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގަ އެވެ.

ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މިހާތަނަށް ޗައިނާއިން ޒިޔާރަތްކުރި 30،353 ފަތުރުވެރިންނާއެކު އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.

ޗައިނާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް

  • ޖެނުއަރީ - 5،796 ފަތުރުވެރިން
  • ފެބްރުއަރީ - 4،276 ފަތުރުވެރިން
  • މާޗް - 7،619 ފަތުރުވެރިން
  • އެޕްރީލް 29ގެ ނިޔަލަށް - 12،662 ފަތުރުވެރިން

ކޮވިޑްގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.

ރާއްޖެއަށް މިއަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.