އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިވެދޭ ޕްރޮގްރާމެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން މިއަދު ފަށައިފި އެވެ.
މީރާ އިން ބުނި ގޮތުގައި މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ޕްރޮގްރާމެކެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިވެދޭ ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޯނު، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
މީރާއިން ވަނީ 2022 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިހުތިޔާރުކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ މީރާއަށް އީމެއިލް ނުވަތަ ހޮޓްލައިން 1415 އަށް ގުޅުމަށް އެދިފަ އެވެ.
މީގެ އިތުރުން މީރާގެ ވެބްސައިޓު މެދުވެރިކޮށްވެސް ނަން ނޯޓު ކުރެވޭނެ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.