މީރާ

އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ހަދިޔާ އެކަނި

އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި މި ޓެކްސް ރޫލިންގައިވާ ގޮތުން ދައުލަތުގެ އޮފީހަކަށް ނުވަތަ ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ މީހުން ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ މީހެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ.

ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ މީހުން ދޭ ފައިސާ އުނިކުރެވޭނީ އެ ފައިސާ ދިން ތާރީހުގައި އެ ޖަމްއިއްޔާއެއް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝާއިއުކުރާ ލިސްޓުގައި ހިމެނޭ ނަމަ އެވެ.

މި ޓެކްސް ރޫލިންއަށް އަމަލުކުރަން ފަށާނީ މާޗް އެއްވަނަ ދުވަހުން ފެށިގެންނެވެ.