މިފްކޯ

މިފްކޯ އިން މަސްވެރިންނަށް 505 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ -- މިފްކޯ އިން މަސްވެރިންނަށް 505 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މިފްކޯ އިން 30،425 މެޓްރިކް ޓަނުގެ މަސް ގަނެ މަސްވެރިންނަށް 505.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯ އިން މަސްވެރިންނަށް ދޫކުރި 405.1 މިލިއަން ރުފިޔާއަށްވުރެ 101.2 މިލިއަން ރުފިޔާ -- 21 ޕަސަންޓު އިތުރުވުމެކެވެ. މިފްކޯއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ކިރުވީ 25،178 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން މަސް ގަނެފައިވަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ނެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން 22،923 މެޓްރިކް ޓަނުގެ މަސް ގަނެ މަސްވެރިންނަށް 384 މިލިއަން ރުފިޔާ ދޫކުރި އެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް 58.1 މިލިއަން ރުފިޔާ ދޫކުރިއިރު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން 62 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މަސްވެރިންނަށް މިދިޔަ އަހަރު މިފްކޯ އިން ޖުމްލަ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި އެވެ.