ޓޫރިޒަމް

މޭ މަހު ފަތުރުވެރިންގެ އަދަދު ދަށަށް

ރާއްޖެއަށް މޭ މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހިނގަމުންދާ މޭ މަހުގެ ފުރަތަމަ ހަތް ދުވަހު ރާއްޖެއަށް އައީ 32،076 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި 36،333 ފަތުރުވެރިންނަށްވުރެ 11.7 ޕަސަންޓު ދަށްވުމެކެވެ.

ރާއްޖެއަށް މޭ މަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 17.5 ޕަސަންޓު އިތުރުވެފަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 720،361 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 613،137 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 85،914
  • އިންޑިއާ - 78،772
  • އިނގިރޭސިވިލާތް - 67،586
  • އިޓަލީ - 57،557
  • ޖަރުމަނު - 52،888
  • ޗައިނާ - 34،894
  • އެމެރިކާ - 29،757
  • ފްރާންސް - 27،520
  • ސްވިޓްޒަލޭންޑް - 18،049
  • ދެކުނު ކޮރެއާ - 12،911

އިމިގްރޭޝަން އާއި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޝިއާ އިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަހުން މަހަށް ދަނީ ދަށްވަމުންނެވެ.

ފަތުރުވެރިކަމަށް މިހާރު 1،235 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 899 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އަދި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް 60،592 އެނދު އެބަހުއްޓެވެ.