ފޮރިން މިނިސްޓްރީ

އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލު ސިފައިން ގާޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު މިހާތަނަށް ޝަހީދުވެފައިވާއިރު 110 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ހަމަލާތަކުގައި އާންމުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެ އާންމުން ދިރިއުޅޭ ބައެއް ގެތައް ހަލާކުވަމުންދާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހުގެ އިތުރުން އާންމު މަޖިލީހުގެ ގަރާރުތަކާއި ހިލާފު އަމަލުތަކެއް ކަމަށެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ބުރޫއަރާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް ބުނެފަ އެވެ. އަދި ފަލަސްތީނުގެ މަސައްކަތްތަކުގައި ވަކާލާތު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގާތުން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ދެމިތެބޭނެ ކަމުގެ ޔަގީންވަން ވަނީ ދީފަ އެވެ.

ފަލަސްތީނުގެ މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ ޓޫ ސްޓޭޓް ސޮލިއުޝަން -- ފަލަސްތީނާއި އިޒްރޭލަކީ ވަކި ދެ ދައުލަތުގެ ގޮތުގައި ގާއިމުކުރެވިގެން ކަމަށް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެގޮތުން ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.