ރިޒާވް

ބޭނުންކުރެވޭ ރިޒާވް މަދުވެއްޖެ

ރަސްމީ ރިޒާވް އާއި ޔޫސަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް މިއަހަރުގެ މާޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު ރަސްމީ ރިޒާވްގައި ހުރީ 756.81 މިލިއަން ޑޮލަރެވެ. މާޗް މަހު ރަސްމީ ރިޒާވްގައި 764.63 މިލިއަން ޑޮލަރު ހުއްޓެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މާޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޔޫޒަބަލް ރިޒާވުން 48.66 މިލިއަން ޑޮލަރު ވަނީ މަދުވެފަ އެވެ. މާޗް މަހު ޔޫޒަބަލް ރިޒާވްގައި 200 މިލިއަން ޑޮލަރު ހުރި ނަމަވެސް އެޕްރީލް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 151.34 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި އުނި ކުރުމުން ބާކީ އޮންނަ އަދަދެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވްގައި އެ މަހު ހުރީ 253.8 މިލިއަން ޑޮލަރެވެ. ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި 795.8 މިލިއަން ޑޮލަރު ހުރިއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 235.4 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.