ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

ޗުއްޓީއަށްފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެފައިވާއިރު ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ އިދިކޮޅު ޕާޓީތަކުން ދަނީ ކުރަމުންނެވެ.

އެގޮތުން ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާއި ޕީޕީއެމް އާއި އެމްއެންޕީގެ މަޖިލިސް މެންބަރުންގެ ސޮއިގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމު ސޮއި ނުކުރައްވަ އެވެ.

އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ އަދަދެއް މިކަމުގައި އުޅުއްވާ އިދިކޮޅު މެންބަރުން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ބުނާ އަދަދަށް ވުރެ އިތުރު މެންބަރުން ސޮއި ކުރެއްވި ކަމަށެވެ.