ރައީސް މުހައްމަދު ނަޝީދު

ވަކިކުރުމުގެ ކުރިން ޕާޓީ އަނބުރާ ހޯދާނަން: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ މެންބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް "ގައްދާރުވާ މީހުން" ޕާޓީން ވަކިކުރުމަށް ގޮވާލައި ޕާޓީގެ އޮފީސް ކައިރީގައި ބަޔަކު ޝުއޫރުފާޅު ކުރުމުން އެކަމަށް ރައްދު ދެއްވާ ޕާޓީގެ އިސް ބޭފުޅުން ތިއްބަވާ ގްރޫޕެއްގައި ނަޝީދު ވަނީ އެމަނިކުފާނު ޕާޓީގައި ހުރުމުން އުނދަގޫވީތޯ ސުވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިތް އެމްޑީޕީ އާއި ވަކި ނުވާނެ ކަމަށާއި ފިކުރެއްގެ ދިރުން ނެރޭނެ ކަމަށެވެ.

"ހިތް އެމްޑީޕީ އާއި ވަކި ނުވާނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ،" ނަޝީދު ވިދާލުވި އެވެ.

ޕާޓީއަށް "ގައްދާރުވާ މީހުން" ވަކިކުރުމަށް ގޮވާލާ އެމްޑީޕީގެ އޮފީސް ކައިރީގައި ޝުއޫރުފާޅު ކުރި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ހިމެނެ އެވެ.

އެމްޑީޕީގައި ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވާ މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި އެމްޑީޕީއާއި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައިވެސް މިފަހަކަށް އައިސް އެ ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އުސޫލުތަކާ ހިލާފަށް އަމަލުކުރައްވާ މެންބަރުންނަށް ފިޔަވަޅެއް ނޭޅޭތީ އެމްޑީޕީގެ ބައެއް އާންމު މެންބަރުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.