ފިނޭންސް މިނިސްޓްރީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 616 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް -- އެސްއެމްއީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 40 މިލިއަން ޑޮލަރު -- 616 މިލިއަން ރުފިޔާގެ އެސްއެމްއީ އިމްޕެކްޓް ފަންޑެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް -- އައިޑީބީ ގުޅިގެން ގާއިމުކުރާ މި ފަންޑަކީ އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާއި އެއްގޮތަށް ގާއިމުކުރާ ފަންޑެކެވެ. މި ފަންޑުން އެސްއެމްއީތައް ކުރި އެރުވުމަށް ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ފަންޑުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އައިޑީބީގެ ފަރާތުން ސޮއިކުރެއްވީ އައިޑީބީގެ ރައީސް ޑރ. މުހައްމަދު އަލްޖައްސަރް އެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ.

މި ފަންޑަށް އައިޑީބީން 40 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭއިރު އިންވެސްޓްމަންޓްތަކުގެ ފައިދާއިން ފަންޑް އިތުރަށް ފުޅާކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ފަންޑް ބަލަހައްޓާ ހިންގާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަނުން (އެސްޑީއެފްސީ) އިންނެވެ.