އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދެކަނބަލުން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ތާޖް މަހަލް އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތުމުން އެތައް ސަތޭކަ ބަޔަކު ލައްވައި މުޅި ސަރަަހައްދުގެ މަގުތަކުން އޮށްގައު ހޮވައި ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް ތާޖުމަހަލް އަށް ވަޑައިގަތުން ކެންސަލް ކުރައްވައިފި އެވެ.
އޮބާމާ އާއި އަނބިކަނބަލުން ތާޖް މަހަލް އަށް ވަޑައިގަތުމަށް ތާވަލްކޮށްފައި އޮތީ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި، އަންގާރަ ދުވަހު އެވެ. ނަމަވެސް ތާޖް މަހަލް ހުންނަ އާގްރާގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޮބާމާ ތާޖުމަހަލް އަށް ވަޑައިގަތުން ކެންސަލްކުރެއްވިކަން އަންގަވާފައިވާ ކަމަށެވެ.
"އޮބާމާ ކުރައްވަން ހަމަޖެއްސެވި ޒިޔާރަތް ކެންސަލްކޮށްފި. ކެންސަލް ކުރެއްވި ވަކި ސަބަބެއް ނޭނގެ. އެކަމަކު ބޮޑަށް ބެލެވެނީ ސައޫދީ ރަސްގެފާނު އަވަހާރަ ވުމުން ތައުޒިޔާ ވިދާޅުވާން ސައޫދީ އަށް ވަޑައިގަތުމަށް ދަތުރު ކުރުކޮށްލައްވާތީހެން،" ސަަރަހައްދީ ސަރުކާރުގެ ވެރިޔާ ޕްރަދީޕް ބަޓްނާގަރް އޭއެފްޕީ އަށް ވިދާޅުވި އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި ކުއްލި ގޮތަކަށް އޮބާމާ ސައޫދީ އަށް ވަޑައިގަތުމަށް ހަމަޖެހުމުން ދަތުރުފުޅު ވަނީ ކުރުކޮށްލައްވައިފަ އެވެ.
މޫގާލް އެމްޕެރާ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުންގެ ހަނދާނުގައި ބިނާކުރި ތާޖަމް މަހަލް އަށް އޮބާމާ ވަޑައިނުގަތުމަށް ނިންމެވުމުން އިންޑިއާގެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އޮބާމާ އަށް ޝުކުރު އަދާކުރަަމުންނެވެ. އެ މީހުން ބުނަނީ އާގްރާ އާއި ތާޖްމަހަލް ސާފު ކުރުމަށް އޮބާމާ ހެއްދެވީ ރަނގަޅު އުކުޅެއް ކަމަށެވެ.