ކަނޑުމަތީގެ ހާދިސާ

ހުޅުމާލެ ފެރީއެއް ތޮށިގަނޑުގައިޖެހި މީހުނަށް އަނިޔާވެއްޖެ

މާލެއިން ހުޅުމާލެއަށް ދަތުރުކުރި ފެރީ އެއް ހުޅުމާލެއަށް ބަނދަރުކުރަން އުޅުމުގެ ތެރޭގައި ފެރީ ކޮންޓްރޯލްނުވެ ގޮސް ތޮށިގަނޑުގައިޖެހި ފެރީގައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ. ހާދިސާ ހިނގީ މިރޭ 7:45 އެހާކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ދިޔަ އެ ފެރީއެއް ތޮށިގަނޑުގައި ޖެހި އެކްސިޑެންޓް ވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ބައެއް މީހުންނަށް އަނިޔާވި ކަމަށާއި އަނިޔާވި މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވީ ކިހާ އަދަދެއްގެ ބަޔަކަށް ކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.